Advertisement
header ad
XeeTimesXeeTimes
ފެޓީ ލިވަރ: ހަނދާން ނައްތާލެވިފައިވާ މި ގުނަވަނުގެ ސިއްރު ބަލިމަޑުކަން ސިއްޙަތު

ފެޓީ ލިވަރ: ހަނދާން ނައްތާލެވިފައިވާ މި ގުނަވަނުގެ ސިއްރު ބަލިމަޑުކަން

ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް މިއަދު އައިސްފައިވާ ބަދަލުތަކާއެކު، އާންމުކޮށް އަޅުގަނޑުމެންގެ މުޖުތަމަޢުގައި ސިއްހީ ބޮޑު ނުރައްކަލަކަށްވެފައިވާ އެއް ކަމަކީ ފެޓީ ލިވަރ (Fatty Liver) ނުވަތަ ފުރަމޭގައި ސަރުބީ ޖެހުމުގެ މައްސަލައެވެ. ދެކުނު އޭޝިއާ ސަރަހައްދުގެ ސިއްޙީ ހިސާބުތަކާއި ދިރާސާތަކުން ދައްކާގޮތުގައި، މިފަދަ ފުރަމޭގެ ބަލިތަކުގެ ނިސްބަތް އާންމު އާބާދީގެ ގާތްގަނޑަކަށް 30 އިންސައްތައަށް އަރާފައިވެއެވެ. މިއީ ދިވެހިންގެ ކާނާގެ އާދަތަކާއި، ކަސްރަތު މަދުވުމުގެ ސަބަބުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިތުރުވަމުންދާ  ހަޤީޤަތެކެވެ.

​އަޅުގަނޑުމެންގެ ހަށިގަނޑުގެ އެންމެ މަސައްކަތްގިނަ އަދި އެންމެ މުހިންމު އެއް ގުނަވަން ކަމަށްވާ ފުރަމޭއަކީ، ހަށިގަނޑަށް ބޭނުންވާ ހަކަތަ ފޯރުކޮށްދީ، ހަށިގަނޑުގައި ހުންނަ ވިހަ މާއްދާތައް ފުރާނައި ބޭރުކޮށްދޭ މައި މަރުކަޒެވެ. ނަމަވެސް، މިއަދުގެ ދިރިއުޅުން ބައްޓަންވެފައިވާ ގޮތުން، މި މުހިންމު ގުނަވަނަށް އާދަޔާޚިލާފަށް ބުރަބޮޑުވެ، ސަރުބީ ޖެހެމުންދާކަން ޚުދު އަޅުގަނޑުމެންނަށްވެސް ނޭނގެއެވެ.

ފުރަމޭގައި ސަރުބީ ޖެހެނީ ހަށިގަނޑަށް ބޭނުންވާވަރަށްވުރެ ގިނައިން ސަރުބީ ނުވަތަ ތެޔޮ ބޭނުންކުރެވި، އެ ހުރިހާ އެއްޗެއް ޕްރޮސެސްކުރުމަށް ފުރަމެއަށް ބުރަބޮޑުވެގެންނެވެ. މިގޮތުން ޕްރޮސެސް ނުކުރެވޭ އިތުރު ސަރުބީތައް ސީދާ ފުރަމޭގެ ސެލްތަކުގެ ތެރޭގައި ރައްކާވާން ފަށައެވެ. މިކަން މިހެން މެދުވެރިވަނީ ކެއުމުގައި ތެލުލާފައި ހުންނަ ކާނާއާއި، ތައްޔާރީ ކާނާއާއި، ހަކުރާއި، އަދި ހަށިގަނޑަށް ގެއްލުންދޭ ފަދަ ތެޔޮ ބޭނުންކުރުމުންނެވެ. މިފަދަ އާދަތަކުގެ ސަބަބުން އިންސިއުލިން ރެސިސްޓެންސް (Insulin Resistance) އަށް މަގުފަހިވެގެންދެއެވެ. މީގެ އިތުރުން ކަސްރަތު ނުކޮށް ގިނަ ވަގުތު އިށީނދެ ތިބެގެން އުޅުމާއި، ހަށިގަނޑުގައި ސަރުބީ އުފެދި ބަރުދަން އިތުރުވުމަކީ މި ވޭންދެނިވި ހާލަތަށް މީހާ ހުށަހަޅާ ކަންކަމެވެ.

Article - in content
Advertisement

​މި ބައްޔަކީ ކުރީކޮޅުގައި އެއްވެސް ކަހަލަ ފާޅުކަން ބޮޑު އަލާމާތެއް ފެންނަ ކަމެއް ނޫނެވެ. ނަމަވެސް ބަލީގެ ސްޓޭޖު މަތިވަމުންދާ ވަރަކަށް ހަށިގަނޑު އާދަޔާޚިލާފަށް ވަރުބަލިވުމާއި، ބަނޑުގެ މަތީ ބައިގެ ކަނާތްފަރާތަށް އުނދަގޫވުން ނުވަތަ ތަދުވުން ފަދަ ނިޝާންތައް ފެނިގެންދެއެވެ. މީގެއިތުރުން ހަކުރުބަލި (Type 2 Diabetes) ޖެހުމާއި، ލޭގެ ޕްރެޝަރު މަތިވުން އަދި މެޓަބޮލިކް ސިންޑްރޯމް ފަދަ ނުރައްކާތައް ކުރިމަތިވުމަށް މިއިން މަގުފަހިވެއެވެ. ޑޮކްޓަރުން މިކަން ދެނެގަންނަނީ ލޭގެ ޓެސްޓުތަކާއި، އަލްޓްރާސައުންޑް، ސީ.ޓީ (CT) ނުވަތަ އެމް.އާރް.އައި (MRI) ފަދަ ސްކޭންތަކުގެ އެހީގައެވެ.

ފުރަމޭގައި ސަރުބީ ޖެހުމުގެ ސަބަބުން މެޓަބޮލިޒަމްގެ މައްސަލަތަކާއި، ހަޖަމުކުރުމުގެ މައްސަލަތަކާއި، ހަކުރު ކޮންޓްރޯލްނުވުން ފަދަ ކަންކަން ކުރިމަތިވާތަން އާދެއެވެ. އަދި ހަށިގަނޑުގައިވާ ވިހަ މާއްދާތައް ފުރާނައި ބޭރު ނުކުރެވުމުގެ ސަބަބުން ހަށިގަނޑު މުޅިން ވިހަވެ، އޭގެ ނޭދެވޭ އަސަރު މުޅި ނިޒާމަށް ކުރުމަކީ އެކަށީގެންވާ ކަމެއްކަމަށް ދިރާސާތަކުން ދައްކުވައިދެއެވެ.

​އުފާވެރި ޚަބަރަކީ، ފުރަމޭގައި ސަރުބި ޖަހާފައި ހުރިކަމުގައިވީ ނަމަވެސް، ރަނގަޅު އާދަތަކެއްގެ މައްޗަށް ބިނާކޮށް ފެޓީ ލިވަރގެ މައްސަލަ މަޑުޖައްސާލާ ނުވަތަ ރަނގަޅު ކުރެވިދާނެ ކަމެވެ. މިއީ އަޅުގަނޑުމެންގެ ދިރިއުޅުމަށް ގެންނަ ކުދިކުދި، ހަރުދަނާ ބަދަލުތަކަކުން ކޮށްދެވިދާނެ ކަމެކެވެ. ތެލުލީ ތަކެއްޗާއި ތައްޔާރީ ކާނާއާއި ފިޒީ ބުއިންތަށް ދޫކޮށް، ފަތްޕިލާވެލި، މޭވާ، އަދި ސިއްޙީ ގޮތުން ފައިދާހުރި ތަކެތި ކެއުމުގައި ހިމެނުމަކީ މިކަމުން ރައްކާތެރިވުމަށްޓަކައި އެޅޭނޭ ފުރަތަމަ ފިޔަވަޅެވެ. ޚާއްޞަކޮށް ފުރަމޭގެ ސިއްހަތަށް ފައިދާހުރި ބްރޮކްލީ، ލޮނުމެދު، ބްލޫބެރީ، ޒައިތޫނި ތެޔޮ، އަދި ގްރީން ޓީ ބޭނުންކުރުމާއެކު، ހަށިގަނޑުގެ ބަރުދަނުގެ 7-10 އިންސައްތައިގެ ދެމެދުގެ މިންވަރެއް ލުއިކޮށްލުމަކީ ފުރަމޭގައިވާ އިތުރު ސަރުބީ މަދުކޮށްދޭ ކަމެކެވެ. މީގެ އިތުރުން ކޮންމެ ދުވަހަކުވެސް 30 މިނެޓާއި 45 މިނެޓާ ދެމެދުގެ ވަގުތުކޮޅެއް ހަލުވިކޮށް ހިނގުމަށް ނުވަތަ ކަސްރަތު ކުރުމަށް ހުސްކުރުމާއި، ގިނައިން ފެން ބުއިމަކީ މުހިންމު ކަންކަމެވެ.

​އަޅުގަނޑުމެންގެ ހަށިގަނޑަކީ ﷲ ތަޢާލާ ދެއްވާފައިވާ އަމާނާތެކެވެ. މިއަދު ފުރަމޭއަށް އަޅައިލާ ކުޑަކުޑަ އަޅައިލުމަކީ މާދަމާގެ ދުޅަހެޔޮ، އުފާވެރި ދިރިއުޅުމެއްގެ ބިންގަލެވެ.

 މަސްދަރުތައް: ބެޓަރ ވެލްނެސް، ހެލްތް ނައުރިޝް ޒޯން

 

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —