ޤައުމީ ދުވަސް ހަނދާންކޮށްދެނީ، ޤައުމީ ލޯތްބަށް އާނއެކޭ ބުނުމުގެ މަތިވެރި ނަސީބުކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިގޮތަށް ވިދާޅުވީ، ހއ. އުތީމުގައި މިއަދު ބޭއްވި، ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ޤައުމާ މުޚާޠަބުކުރައްވައި ދެއްވި ތަޤުރީރުގައެވެ.
" ޤައުމީ ފެންވަރުގައި މިފަދަ ޚާއްސަ ރަސްމީ ޖަލްސާއެއް ބާއްވަމުންދާއިރު އެންމެ މައިގަނޑު ސުވާލަކީ ޤައުމީ ދުވަސް އައީ ކީއްވެގެންތޯ؟ ޤައުމީ ދުވަސް ބުނެދެނީ ކޮންކަމެއްތޯ؟ މިއީ ކޮންމެ މީހަކު އަމިއްލަ ނަފްސާއި ކުރަމުންމިދާ ސުވާލު. ސަބަބަކީ ކޮބައިތޯ؟ އަޅުގަނޑުމެންނަށް އެނގޭ ޕޯޗުގީޒުން ދިވެހި މާކަނޑަށް ފޭބިކަން. އަޅުގަނޑުމެންނަށް އެނގޭ 15 ވަނަ ޤަރުނުގައި މިސަރަހައްދުގެ ކަނޑުތަކަށް އެމީހުން އަތްގަދަ ކުރިކަން. މިކަން މުފައްކިރުން ފޮތްތަކުން އެހެރީ ފެންނަން. މުހިންމުވަނީ މިހެން ހިނގައިދިޔަ ކަމެއްގައި ދިވެހީން ދިވެހިންގެ ރާއްޖެއާއި މެދު އަމަލުކުރިގޮތް. ދިވެހިން ދިވެހީންގެ ދީނާއި ޤައުމުގެ ދިފާޢުގައި ހޭލާ ފަރުވާތެރިވި ގޮތް". ރައީސް ވިދާޅުވިއެވެ.
ދިވެހިރާއްޖެ ޕޯޗުގީޒުންގެ އިސްތިޢުމާރަށް ހުށަހެޅުނު ހާދިސާއަށް ރިޢާޔަތްކުރައްވަމުން ރައީސް ވަނީ، ނުވަ ވަނަ ޙަސަން ރަސްގެފާނު އިސްލާމްދީނާއި ދިވެހި ޤައުމަށް ޣައްދާރުވުމުން، އޭރު ސިޔާސީ ޚިލާފުތަކަކާއި ވާދަވެރިކަމެއް ގެންގުޅުއްވި ދެ ލީޑަރުން ކަމަށްވާ ޢަލިރަސްގެފާނާއި އަބޫބަކުރު ރަސްގެފާނު، ޤައުމީ މަސްލަހަތު އިސްކުރައްވައި ޞުލްޙަވެވަޑައިގެންނެވިކަން ފާހަގަކުރައްވާފައެވެ.
އެގޮތުން، ޙަސަން ރަސްގެފާނުގެ ޤައުމާއި ދީނާ ދެކޮޅު ވިސްނުމަށް ނޫނެކޭ ވިދާޅުވެ، އޭރުގެ ސިޔާސީ ލީޑަރުންނާއި ދިވެހި ރައްޔިތުން އިސްކުރެއްވީ ޤައުމީ ވިސްނުމާއި އިސްލާމްދީންކަން ހަނދުމަފުޅުކޮށްދެއްވިއެވެ. މަދު މީހަކު ގޯޅި އަޅައިގެން ދިޔަޔަސް، ދިވެހީންނަކީ އަދި ދިވެހި ކާބަފައި އަޖުދާދުންނަކީ، އަބަދުވެސް ޤައުމީ ވިސްނުން އިސްކުރި ބައެއްކަން، ޤައުމީ ދުވަސް ހެކިކޮށްދޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޤައުމީ ދުވަސް ހިތްވަރުދެނީ ދިވެހިންގެ ކިބައިގައި އިހުގައި ހުރި ރީތި މާތް އަޚްލާޤީ ސިފަތައް އިޢާދަކުރުމަށާއި، ޤައުމީ ވިސްނުމާއި ޤައުމީ ރޫޙުން ހިތްތަކަށް ހަމަޖެހުން ގެނައުމަށާއި، އެއް ރޫޙެއްގައި އެއް އަމާޒެއްގައި ގުޅިގެން ދެމިތިބުމަށާއި، ބައިބައިވުންތަކާ ދުރުހެލިވުމަށާއި، ދިވެހީންގެ ރާއްޖެ އަކީ ދިވެހީންނަށްޓަކައި އުފާވެރި ހިމޭން މަންޒިލެއްގެ ގޮތުގައި ދެމެހެއްޓުމަށްކަމުގައި ރައީސް ވިދާޅުވިއެވެ.
ބޭރުގެ ބާރުތަކުގެ ތެރޭގައި ދިވެހީން ގިރިގެން ގޮސްގެން ނުވާނޭކަމަށާއި، ދިވެހީން ތިބެން ވާނީ، ދިވެހީންގެ ދީނުގައި، ޤައުމީ ސިޔާދަތާއި ޤައުމުގެ މިނިވަންކަމާ އެކީގައިކަމަށް ވިދާޅުވިއެވެ.









