'ޢީދު ހަވީރު 1447' ގައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން އިންތިޒާމުކުރާ ޒޫޓޯޕިއާ ތީމްގެ ކުޅިވަރު ހަރަކާތްތައް ދައްކާލުމަށް ވަނީ ހަމަޖެހިފައެވެ.
މުޖުތަމަޢުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުމުގެ ނިޔަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމަށް، ދިވެހި ސަރުކާރުގެ ފަރާތުން ވިލަރެސްކޮށް ކުރިއަށްގެންދާ "ޢީދު ހަވީރު 1447" ފެސްޓިވަލް 03 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. "ޢީދު ހަވީރު 1447" ފެސްޓިވަލްގައި އެމް.އޭ.ސީ.އެލްގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ. އެގޮތުން އެމް.އޭސީ.އެލްގެ ސްޓޯލް ޤާއިމްކުރެވިފައި ހުންނާނީ ސެންޓްރަލް ޕާކުގެ އިރުމަތީ ފަރާތު އެންޓްރެންސްގައެވެ. މި ހަރަކާތްތައް ކުރިއަށް ގެންދާނީ ފިޠުރު ޢީދު ދުވަހުން ފެށިގެން ކޮންމެ ދުވަހެއްގެ ހަވީރު 4.00 އިން 6.00 އަށެވެ. މިއީ މިފަދަ ޚާއްޞަ މުނާސަބަތުތަކުގައި ރައްޔިތުންނަށް އުފާވެރި އަދި ޢާއިލާތަކަށް މާނަހުރި ވަގުތުތަކެއް ހޯދައިދިނުމުގެ މަޤްޞަދުގައި އެމް.އޭ.ސީ.އެލްއިން ކުރިއަށް ގެންދާ ކުޅިވަރު ހަރަކާތްތަކެކެވެ.
މިއީ ކުޑަކުދިންނާއި އާއިލާތަކަށް ބައިވެރިވެވޭ ގޮތަށް ފަރުމާކޮށްފައިވާ "ޒޫޓޯޕިއާ" ތީމްގެ ކުޅިވަރު ސަރަހައްދެކެވެ. މި ސަރަހައްދުގައި ޒޫޓޯޕިއާގެ ކެރެކްޓަރ މެސްކޮޓްތައް ސްޓޯލް ކުރިއަށްދާ ވަގުތު ހަރަކާތްތެރިވަމުން ދާނެއެވެ. މި ސްޓޯލްގެ އެންމެ ޚާއްޞަ އެއް ކަމަކީ ސްޓޯލްގެ މެދުގައި ތައްޔާރުކޮށްފައިވާ "ޓްރީހައުސް" (ގަސްމަތީ ގެ) އެވެ. މީގެ އިތުރުން، "އެކްސް ތްރޯއިންގ" (ކޮޅުފިލި އުކުން)، "ރެކިންގ ބޯލް"، އަދި "ޝޫޓް ޔޯ ޝޮޓް" ފަދަ ހުރިހާ އުމުރުފުރައަކާ ގުޅޭ ތަފާތު ކުޅިވަރުތަކުގައި ޒިޔާރަތްކުރާ ފަރާތްތަކަށް ބައިވެރިވެވޭނެކަމަށް އެމްއޭސީއެލްއިން ވަނީ މައުލޫމާތުދީފައެވެ.
ޢީދަކީ އެއްބައިވަންތަކަމާއި އުފާވެރިކަމުގެ މުނާސަބަތަކަށް ވާއިރު، އެމް.އޭ.ސީ.އެލްގެ އަމާޒަކީ ރައްޔިތުންނާއި ގާތުން މަސައްކަތްކޮށް، މުޖުތަމައަށް ފައިދާހުރި ކަންކަމުގައި ދެމިއޮތުމެވެ.













