March 15, 2026 12:57
Advertisement

-Advertisement-

ކާމިޔާބު ދިރިއުޅުމަކަށް ހިތް ނިޔަތް ޚަލާސްކުރުން: ރަމަޟާންމަހުގެ ރަން ފުރުސަތު

އިންސާނާގެ ދިރިއުޅުމުގެ ހުރިހާ ކަމެއްގެ ބިންގަލަކީ އޭނާގެ ހިތެވެ. ކީރިތި ރަސޫލާ ޙަދީޘްކުރައްވާފައިވާ ބަަސްފުޅެއްގެ މާނައިގައިވެއެވެ. "ހަށިގަނޑުގައި މަސްކޮޅެއްވެއެވެ. އެމަސްކޮޅު އިސްލާހުވެއްޖެނަމަ މުޅި ހަށިގަނޑު އިސްލާހުވެއްޖެއެވެ. އަދި އެ މަސްކޮޅު ފާސިދުވެއްޖެނަމަ މުޅި ހަށިގަނޑު ފާސިދުވެއްޖެއެވެ. އެއީ ހިތެވެ." އެހެންކަމުން، ދުނިޔެއާއި އާޚިރަތުގެ ކާމިޔާބީއަށްޓަކައި ހިތް ސާފުކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ.

ބަރަކާތްތެރި ރަމަޟާން މަހަކީ އަޅުގަނޑުމެންގެ ނަފްސުތައް ތާހިރުކޮށް، ހިތްތައް އިސްލާހުކުރުމަށް ލިބޭ އެންމެ ރަނގަޅު މޫސުމެވެ. މިގޮތުން ހިތް ނިޔަތް ޚަލާސްކުރުމަށް ކުރެވިދާނެ 5 ކަމެއް ތިރީގައި އެވަނީއެވެ.

1. އިޚްލާސްތެރި ތައުބާއަކުން ހިތް ދޮވެލުން
ކުށް ފާފަތަކުގެ ސަބަބުން ހިތުގައި ޖަހާ ދަބަރަކީ ހިތުގެ މަދަދާއި ނޫރު ކަނޑުވާލާ ކަމެކެވެ. ރަމަޟާން މަހަކީ ފާފަ ފުއްސެވުމުގެ މަސްކަމަށްވުމާއެކު، ގިނަގިނައިން ފާފަ ފުއްސެވުމަށް އެދި ދަންނަވައި، އިޚްލާސްތެރި ތައުބާއަކުން ހިތް ސާފުކުރަންޖެހެއެވެ. ފާފަތަކުން ދުރުހެލިވުމުން ހިތަށް ލުއިކަމާއި ހަމަޖެހުން ލިބިގެންދެއެވެ.
 
2. ހަސަދަވެރިކަމާއި ބަދަލުހިފުމުގެ ރޫޙު ދޫކޮށްލުން
ކާމިޔާބު ދިރިއުޅުމަކަށް އޮތް އެންމެ ބޮޑު ހުރަހަކީ އެހެން މީހުންނަށް ހިތްނުބައިކުރުމެވެ. ރަމަޟާން މަހުގެ ރޯދައިން އަޅުގަނޑުމެންނަށް ދަސްކޮށްދެނީ ކެތްތެރިކަމެވެ. އެހެންކަމުން، ހިތުގައިވާ ހަސަދަވެރިކަމާއި، ރުޅިވެރިކަން ނެތިކޮށްލައި، އެހެން މީހުންނަށް މާފުކުރުމަކީ ހިތް ސާފުވެ، ދިރިއުޅުން އުޖާލާވާނެ ކަމެކެވެ.
 
3. ޤުރުއާނާއި ޛިކުރުން ހިތަށް ދިރުން ދިނުން
މާތްﷲ ހަނދުމަކުރުމަކީ ހިތްތަކަށް ހަމަޖެހުން ލިބޭ ކަމެއްކަމަށް ކީރިތި ޤުރުއާނުގައި އަންގަވާފައިވެއެވެ. ރަމަޟާން މަހަކީ ޤުރުއާނުގެ މަހަށްވާއިރު، ގިނަގިނައިން ޤުރުއާން ކިޔެވުމާއި، މާނަ ދޭހަކުރުމަކީ ހިތުގެ ބަލިތަކަށް އޮތް އެންމެ ބޮޑު ޝިފާއެވެ. މީގެ އިތުރުން ދުޢާކުރުމާއި ޛިކުރުކުރުންމަތީ ދެމިހުރުމަކީ ހިތް ނިޔަތް ޚަލާސްކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ.
 
4. ދީލަތިކަމާއި އެހީތެރިވުމުގެ އާދަ އަށަގެންނެވުން
މުދަލުން ޞަދަޤާތް ދިނުމަކީ ނަފްސާއި ހިތް ތާހިރުކޮށްދޭ ކަމެކެވެ. ރަމަޟާން މަހަކީ ދީލަތިކަމުގެ މަހެވެ. އެހެން މީހުންނަށް އެހީތެރިވެ، ދަތި އުނދަގޫ ހާލުގައި ތިބޭ މީހުންނަށް އޯގާތެރިވުމަކީ އަމިއްލަ ހިތުގައިވާ ދަހިވެތިކަމާއި ބޮޑާކަން ކަނޑުވާލައި، ހިތްމަޑު މީހަކަށް ބަދަލުކޮށްދޭނެ ކަމެކެވެ.
 
5. ނަފްސު ހިސާބުކުރުން (މުޙާސަބާ)
ކޮންމެ ދުވަހަކުވެސް ތިމާގެ އަމަލުތައް ހުރިގޮތާމެދު ވިސްނާލުން މުހިންމެވެ. ރޯދައަށް ހުންނައިރު، ތިމާގެ ދުލާއި، ލޮލާއި، ކަންފަތް ފާފަތަކުން ރައްކާތެރިކުރެވުނު މިންވަރާމެދު ސުވާލުކުރާށެވެ. މިގޮތަށް ނަފްސު ހިސާބުކުރުމުން، ތިމާގެ ކިބައިގައި ހުރި ނޭދެވޭ ސިފަތައް ދެނެގަނެވި، އެކަންކަން އިސްލާހުކޮށް ހިތް ސާފުކުރުމަށް މަގުފަހިވެއެވެ.

ނިންމާލަމުން ދަންނަވާނީ، ހިތް ސާފުކުރުމަކީ ހަމައެކަނި ރަމަޟާން މަހު ކުރަންޖެހޭ ކަމެއް ނޫނެވެ. ނަމަވެސް މި ބަރަކާތްތެރި މަހަކީ އެކަމަށް އޮތް އެންމެ ފަހި ފުރުސަތެވެ. މި މަހުގެ ބޭނުން ހިފާ، ހިތް ނިޔަތް ޚަލާސްކޮށްފި މީހަކީ ދުނިޔެއާއި އާޚިރަތުގައިވެސް ކާމިޔާބު ލިބޭނެ މީހެކެވެ. މާތްﷲ އަޅުގަނޑުމެން އެންމެންގެ ހިތްތައް އިސްލާހުކޮށްދެއްވައި، ސާފުތާހިރު ހިތަކާއެކު އެކަލާނގެއާ ބައްދަލުކުރުމުގެ ތައުފީޤު ދެއްވާށިއެވެ. އާމީން!

Advertisement

އެޑިޓަރުގެ ނޯޓް: މިއީ ސޯޝަލް އިމޯޝަނަލް އިންޓެލިޖެންސް ކޯޗެއް އަދި ގައިޑަންސް އެންޑް ކައުންސެލަރ އެއްގެ ގޮތުގައި މަސައްކަތްކުރައްވާ ސަމާ އިބްރާހީމް ދީދީ "ޒީޓައިމްސް" އަށް ހަދިޔާ ކޮށްފައިވާ ލިޔުމެކެވެ. މި ލިޔުމުގެ ބޭނުމަކީ ކިޔުންތެރިންނަށް ދިރިއުޅުމުގެ ހުނަރުތަކާއި ހަރުދަނާ ބަދަހި ގުޅުންތަކެއް ދެމެހެއްޓުމަށް ކުރެވިދާނެ ކަންތައްތަކުގެ މަޢުލޫމާތު ހިއްސާކުރުމެވެ.

+1
0
+1
0
+1
1
+1
0
+1
0
+1
0
+1
0

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް