June 11, 2025 06:12
Advertisement

-Advertisement-

ޝައިޚް ފަރީދު

ޝައިޚް ފަރީދު: އިސްލާމްދީނުގެ ހައްގުގައި ކެރުމާއެކު މަސައްކަތް ކުރެއްވި ގިނަބައެއްގެ ލޯބި ލިބިފައިވާ ޢިލްމުވެރިއެއް!

ޝައިޚް އިބްރާހީމް ފަރީދު އިއްޔެގެ ވަގުތެއްގައި އަވަހާރަވީ މެލޭޝިއާއަށް ވަޑައިގެން އެއާޕޯޓުގައި ހުންނަވަނިކޮށް ކުއްލިއަކަށް ވެއްޓިގެންނެވެ. ދީނީ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަތުމަށް މެލޭޝިއާ އަށް ފުރާވަޑައިގަތީ އިއްޔެގެ މެންދުރެއްހާއިރު އެވެ. އެއިރުވެސް ހާލު ރަނގަޅެވެ.

ޝައިޚް ފަރީދު ފާހަގަކުރެވިފައިވަނީ އިސްލާމްދީނުގެ ހައްގުގައި ދީނީ މައުލޫމާތު ފެތުރެއްވުމަށް ރާއްޖެއާއި ރާއްޖެއިން ބޭރުގައިވެސް ގިނަ މަސައްކަތްތަކެއް ކުރެއްވި ފާހަގަކުރެވޭ ޢިލްމުވެރިއެއްގެ ގޮތުގައެވެ. ޝައިޚް ފަރީދުގެ ދަރުސްތައް އަސަރުގަދައެވެ. މާނަފުން ޢިބްރަތްތެރި މެސެޖުތަކެއް އެކުލެވިފައިވެއެވެ. މީހުންގެ ހިތުގައި އިސްލާމްދީނަށް ލޯބި ޖެއްސުމަށް ފަސްޖެހިވަޑައިނުގެން ކުރެއްވި މަސައްކަތްތަކުގައި ދިމާވި ގޮންޖެހުންތަކާއި ކުރިމަތިލެއްވީ ހިތްވަރާއެކުގައެވެ.

ޝައިޚް ފަރީދު އަވަހާރަވުމާއެކު މުޅި ސޯޝަލް މީޑިއާ އިން ފެނިގެންދިޔައީ ތަޢުޒިޔާގެ މެސެޖުތަކެވެ. އެތައްބައެއްގެ ހިތުގައި ޝައިޚް ފަރީދަށް އޮތް ލޯތްބާއި ޤަދަރު ފެނިގެންދިޔައެވެ. ޝައިޚް ފަރީދު ކުރެއްވި މަސައްކަތް ގިނަބަޔަކު މިވަނީ ޝުކުރުވެރިކަމާއެކު ބަލައިގަނެފައެވެ.

Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވެސް ވަނީ ޝައިޚް ފަރީދު އަވަހާރަވުމާއި ގުޅިގެން ޚާއްސަ މެސެޖެއް ސޯޝަލް މީޑިއާގައި ހިއްސާކުރައްވާފައެވެ.

" އިސްލާމްދީނުގެ ކަންކަން އޮޅުންފިލުއްވައި ދެއްވައި ހެޔޮ ކަންކަމަށް ނަސޭހަތް ދެއްވުމުގައި ހުރިހާ ވަގުތެއް ހޭދަކުރައްވަމުން ގެންދެވި ދީނީ ޢިލްމުވެރިޔާ މަރްހޫމް ފަޟީލަތުއްޝައިޚް އިބްރާހީމް ފަރީދަކީ ޚުލްޤު ހެޔޮ އެކުވެރިއެއް. ދީނީ ކަންކަމަށް މަގު ދެއްކެވުމުގައި އެ އަދާކުރެއްވި ހީވާގި އަދި ހިތްވަރުގަދަ ދައުރުގެ ހަނދާންތަކަށް ނިމުމެއް ނެތް". ރައީސް ޑރ. މުޢިއްޒު ވިދާޅުވެފައިވެއެވެ.

ޝައިޚް ފަރީދު އަވަހާރަވުމާއި ގުޅިގެން އިސްލާމިކް މިނިސްޓްރީން ވެސް ވަނީ ތަޢުޒިޔާގެ މެސެޖެއް އާންމުކޮށްފައެވެ.

" ފަޟީލަތުއްޝައިޚް ފަރީދު އަވަހާރަވުމަކީ އިސްލާމީ ދަޢުވަތަށް ލިބިގެންދިޔަ ވަރަށް ބޮޑު ގެއްލުމެއް. ފަޟީލަތުއްޝައިޚް ފަރީދަކީ އިސްލާމީ ދަޢުވަތުގެ މައިދާނުގައި ފާހަގަކޮށްލެވިފައިވާ ޢިލްމުވެރިއެއް. ނުހަނު ޚިދުމަތްތެރި ހިތްވަރުގަދަ ޝަހުސިއްޔަތެއް. ދަޢުވަތުގެ މައިދާނުގައި ވަރަށް ބޮޑު ޤުރުބާނީތަކެއް ވެވަޑައިގެންނެވި ބޭފުޅެއް". މިނިސްޓްރީގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ޝައިޚް ފަރީދުގެ ފިރިހެން ދަރިކަލުން ޢަބްދުﷲ ފަރީދު (އަބޯ) ވެސް ވަނީ ސޯޝަލް މީޑިއާގައި އަސަރުގަދަ މެސެޖެއް ހިއްސާ ކުރައްވައިފައެވެ.

" އަޅުގަނޑުގެ ލޮބުވެތި ބައްޕަ (އަލްމަރްހޫމް ފަޟީލަތުއްޝައިޚް އިބްރާހީމް ފަރީދު) އަކީ އަޅުގަނޑުގެ ފުރަތަމަ އެދުރު. ދިރިއުޅުމުގެ ހަޤީޤީ މާނައަކީ ކޮބައިކަން އުނގަންނައިދެއްވި މުދައްރިސް. މިއަދަކީ އަޅުގަނޑުގެ ހަޔާތުގައި އައި އެންމެ ހިތާމަވެރި އަދި ހިތްދަތި ދުވަސް. ބައްޕައާއެކު ހޭދަކުރެވުނު ކޮންމެ ހިނދުކޮޅެއް ކުއްލިއަކަށް ސިކުނޑި ފުރާލިކަހަލަ. މިދުނިޔެއާއި އަލްވަދާޢުކީ ޚަބަރާއެކު ހިތް ޗިސްޗިސްވި ކަހަލަ". 

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހް ވެސް ވަނީ ޝައިޚް ފަރީދު އަވަހާރަވުމާއި ގުޅިގެން ޚާއްސަ މެސެޖެއް ހިއްސާކުރައްވައިފައެވެ.

" ޝައިޚް ފަރީދަކީ ރާއްޖޭގައި ދީނީ ހޭލުންތެރިކަން އިތުރު ކުރެއްވުމަށް ވަރަށް ގިނަ ގުނަ މަސައްކަތްތަކެއް ކުރެއްވި ޢާލިމެއް. އަދި ސިޔާސީ އިސްލާހީ ހަރަކާތުގައި އެހާމެ މުހިންމު ދައުރެއް އަދާކުރެއްވި ހިތްވަރުގަދަ ބޭފުޅެއް". ރައީސް ސާލިހްގެ މެސެޖުގައި ވިދާޅުވިއެވެ.

ރައީސް ސާލިހް އެފާހަގަކުރެއްވި ގޮތަށް ޝައިޚް ފަރީދަކީ އެމްޑީޕީގައި ވެސް އިސްދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. ސިޔާސީ ހަރަކާތްތަކުގައި އުޅުއްވަނިކޮށް ތަފާތު ފަހަރުމަތިން ހައްޔަރުކޮށް ޖަލަށް ގެންދެވުނަސް ފެނުނީ އައު ހިތްވަރަކާއެކު އެނބުރިވަޑައިގެން ދީނީ މެސެޖު ދެއްވުމުގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގެންނެވި މަންޒަރެވެ.

ޝައިޚް ފަރީދަކީ ވަރަށް ރީއްޗަށް ޤުރުއާން ކިޔަވާ ވިދާޅުވި އަދި ޢަރަބިބަހުން މަދަހަވެސް ވިދާޅުވި ބޭފުޅެކެވެ. 2024 ވަނަ އަހަރު ވަނީ ހާލުގައިޖެހިފައިވާ ރައްޔިތުންނަށް އެހީވުމަށް ތުރުކީއަށްވެސް ދަތުރެއް ކުރައްވައިފައިވެއެވެ. 

ދ. ކުޑަހުވަދޫ އަށް އުފަން ޝައިޚް ފަރީދުގެ ހަނދާންތައް ތާއަބަދަށް ދެމިހުންނާނެއެވެ. އިސްލާމް ދީނުގެ ހައްގުގައި ވަރުބަލިވުމެއްނެތި ދާއިމަށް އެކި ރަށްރަށަށް ދަތުރު ކުރައްވައި އެކުރެއްވި އަގުހުރި މަސައްކަތް އެތައްބަޔަކު މިވަނީ ޝުކުރުވެރިކަމާއެކު ބަލައިގެންފައެވެ. އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދުގެ މެސެޖުގައިވެސް ފާހަގަކުރެއްވި ގޮތަށް ޝައިޚް ފަރީދުގެ ވަކިވެދިއުމަކީ އިސްލާމީ ޚިދުމަތަށް ލިބިގެންދިޔަ ދެރައެކެވެ.

ޝައިޚް ފަރީދަށް ސުވަރުގޭގެ އެންމެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާށި އެވެ. އާމީން!

+1
0
+1
0
+1
3
+1
0
+1
0
+1
0
+1
0

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް