May 10, 2025 14:58
Advertisement

-Advertisement-

ޤިޔާމަތް ދުވަހާމެދު ބިރުވެތިވާން ހަނދާންނެތޭކަމީ އަޖައިބެއް- ހުކުރު ޚުޠުބާ

މާތްﷲ އަށް އީމާންވުމަށްފަހު އެކަލާނގެ މުސްލިމުންނަށް އެންމެ ފުރަތަމަ ވާޖިބުކުރެއްވި އަޅުކަމަކީ ނަމާދެވެ. މި އުންމަތަށް ނަމާދު ފަރުޟު ކުރެއްވުނީ ކީރިތި ނަބިއްޔާ މުހައްމަދު ﷺ އާއިގެން މިޢުރާޖު ކުރެއްވުނު ރޭ، މެދުވެރިޔަކު ނެތި ސީދާ އެކަލޭގެފާނަށް މާތް ﷲ ބަސް ވަހީކުރައްވައިގެންނެވެ. އަޅާގެ އަމަލުތަކުގެތެރެއިން ޤިޔާމަތް ދުވަހު އެންމެ ފުރަތަމަ ހިސާބު ބެއްލެވޭނީ ނަމާދާ އެކުގައެވެ. ނަމާދު ޤާއިމުކުރުމަކީ މަރު އަމާންވާ ކަންތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ކަށްވަޅުގެ އެކަނިވެރިކަމުންނާއި ޢަޛާބުން ސަލާމަތްވުމުގެ ސަބަބުތަކުގެ ތެރޭގައި ހިމެނޭކަމެކެވެ. ޤިޔާމަތް ދުވަހުގެ ނާމާންކަމާއި ބިރުވެރިކަމުން ސަލާމަތްވުމުގެ ވަސީލަތްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ﷲ ހަނދުމަކުރުމުން އެއްކިބާވެ ކީރިތި ޤުރުއާނަށާއި ކީރިތި ރަސޫލާ ﷺ ގެ ސުންނަތަށް ފުރަގަސްދީފި މީހަކީ ދުނިޔެއާއި އާޚިރަތުގައި ގެއްލެނިވެގެންވާ މީހެކެވެ. މާތް ﷲ ވަހީކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. " އަދި ތިމަންރަސްކަލާނގެ ޤުރުއާނަށް ފުރަގަސްދީފި މީހާ (ދަންނާށެވެ!) ފަހެ ހަމަކަށަވަރުން އެމީހަކަށް އޮތީ ދަތި ދިރިއުޅުމެކެވެ. އަދި ޤިޔާމަތްދުވަހުން އެމީހަކު ކަނު މީހެއްގެ ގޮތުގައި މަޚުޝަރަށް ފޮނުއްވާ ހުށީމެވެ. އެމީހާ ދަންނަވާނެތެވެ. އަޅުގެ ވެރި ރަސްކަލާކޮ! ކަނުމީހެއްގެ ގޮތުގައި މިއަޅާ މަޙްޝަރަށް ފޮނުއްވެވީ ކީއްވެތޯއެވެ. ހަމަކަށަވަރުން ލޮލަށް ފެންނަ މީހަކު ކަމުގައި (ދުނިޔެމަތީގައި) މިއަޅާ ވީމެވެ. އެކަލާނގެ ވަޙީކުރައްވާނެތެވެ. ހަމަ އެފަދައިން ތިމަންރަސްކަލާނގެ އާޔަތްތައް ކަލެޔާ ހަމަޔަށް އައެވެ. ފަހެ އެއާޔަތްތައް ކަލޭ ހަނދާން ނައްތައިލީމުއެވެ. ހަމައެފަދައިން މިއަދު ކަލޭގެ މަތިން ހަނދާން ނައްތާލެވޭނެތެވެ".

މާތް ﷲ ހަނދުމަކުރުމާއި ނަމާދު ޤާއިމު ކުރުމާއި ހެޔޮ ޢަމަލުތަކަށް ހުރަސްއަޅާ ކަންތައްތަކަކީ، ހަވާ ނަފުސުގެ އެދުންތަކާއި މުންކަރާތްތަކާއި ފާޙިޝު ޢަމަލުތަކެވެ. ޒިނޭކުރުމާއި އެއްޖިންސުން ގުޅުން ހިންގުމާއި މަސްތުވާތަކެތި ބޭނުންކުރުމާއި ޖުވާކުޅުން ފަދަ  ފާޙިޝު ޢަމަލުތަކެވެ. މި ޢަމަލުތަކަކީ ޝަޢިތާނާ އިންސާނާ މަގުފުރައްދައި ނަރަކައިގެ އަހުލުވެރިއަކަށް ހެދުމަށްޓަކައި ނުހަނު ޒީނަތްތެރިކޮށް އޭނާއާ ކުރިމަތިކުރުވާ ކަންތައްތަކެވެ.

Advertisement

ޤިޔާމަތްދުވަސް އޮތީ ދާދި ކައިރީގައެވެ. އެއީ ﷲ ޙަޟުރަތަށް މީސްތަކުން ޙާޒިރު ކުރެއްވޭނެ ދުވަހެވެ. ހިސާބުބައްލަވާ ދުވަހެވެ. ސުވަރުގެވަންތަ ވެރީން ސުވަރުގެއަށް، ނަރަކަވަންތަވެރިން ނަރަކައަށް ވަންނަ ދުވަހެވެ. ބުއްދީގެ އަހުލުވެރީންނޭވެ. ދުނިޔަވީ ދިރިއުޅުމުގައި މެދުވެރިވެދާނެ ނުރައްކާތަކުން ރައްކާތެރިކަން ހޯދުމަށްޓަކައި ކުރެވޭން އޮތް ކޮންމެކަމެއް ތިޔަބައިމީހުން ކުރަމުއެވެ.

ބިންހެލުމެއް އަތުވެދާނެތީ، ނުވަތަ ސުނާމީއެއް އަރައިފާނެތީ ނުވަތަ ފުރާޅުތައް އުކާލައި ގަސްތައް މުލުން ލުހެލައި ގެދޮރު ސުންނާފަތިކޮށްލައިފަނިވި ގަދަ ކޮޅިގަނޑުތައް ދެކެ ތިބާ ބިރުގަންނައިރު އެއްވެސް ޝައްކެއްނެތި ކަށަވަރުވަނިވި ދުވަހާމެދު ބިރުވެތިވާން ހަނދާންނެތޭކަމީ އަޖައިބެކެވެ. އެދުވަހަށް ތައްޔާރު ނުވެވޭކަމީ ހިތާމަހުރި ކަމެކެވެ.

+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް