ގިނަ ދުވަސްތަކަކަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ނޫސްވެރިންނާއި ބައްދަލުކުރަވާ ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވީ މެއިމަހުގެ 3 ވީ ހޮނިހިރު ދުވަހުއެވެ. މިއީ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހެވެ. ރައީސް ވަނީ މިދުވަހު ނޫސްވެރިން ކުރަން ބޭނުން ހުރިހާ ސުވާލަކަށް ޖަވާބު ދެއްވާނެކަމަށް ވިދާޅުވެފައެވެ.
ހޮނިހިރު ދުވަހު ހެނދުނު 10 ޖެހިއިރު ރައީސް އޮފީހުގައި ފެށި ނޫސްވެރިންގެ ބައްދަލުވުން ރޭގަނޑު 12 ޖެހިއިރުވެސް ނިންމަވާ ނުލައްވައެވެ. ނަމާދު ގަޑިތަކުގައި ހުއްޓާލުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވާތާ 13 ގަޑިއިރުވީއެވެ. ކޮޅަށް އެހުންނެވީ ވަރުބަލިކަމެއް ނެތިއެވެ. މިއީ ރާއްޖޭގެ ތާރީޚުގައިވެސް ކުރިއަށްގެންދިޔަ އެންމެ ދިގު ނޫސްވެރިންގެ ބައްދަލުވުމެވެ.
ނޫސްވެރިންގެ ބައްދަލުވުމެއް ރައީސް ނުބާއްވާތާ އަހަރަކަށްވުރެ ގިނަ ދުވަސްވުމުން ނޫސްވެރިން ވަނީ ގިނަ އަދަދަކަށް ސުވާލު ކޮށްފައެވެ. ވަކި ދާއިރާއެއް ނެތެވެ. އެމީހަކު ބޭނުން ދާއިރާއަކުން ސުވާލު ކުރަމުން ދިޔައިރު ރައީސް ފެނިވަޑައިގަތީ ގިނަ ސުވާލުތަކަށް ތަފްސީލީ ޖަވާބު ދެއްވިތަނެވެ. ބައެއް ސުވާލުތަކުގެ ތަފްސީލް ފަހުން ހާމަކުރައްވާނެކަމަށް ވިދާޅުވިއިރު މި ނޫސްވެރިންގެ ބައްދަލުވުމަށް ރައީސް އާއި 'މީޑިއާ ޓީމް' ވަރަށް ބޮޑަށް ތައްޔާރުވެފައިވާކަން ފާހަގަކުރެވެއެވެ.
ރައީސް މުޢިއްޒު މި ޤާއިމް ކުރައްވަނީ ރެކޯޑެއް!
ދުނިޔޭގެ ތާރީޚުގައި މިހާތަނަށް އެންމެ ދިގު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައިވަނީ 2019 ވަނަ އަހަރު ޔޫކްރެއިންގެ ރައީސް ޒެލެންސްކީ އެވެ. އެއީ 14 ގަޑިއިރެވެ.
ތާރީޚީ ތަފާތު ދުވަހެއް!
ނޫސްވެރިންނަށް މިއީ ތާރީޚީ ދުވަހެކެވެ. ތަފާތު ފަހަރުމަތިން އަހަން ބޭނުން ކޮންމެ ސުވާލެއް ކުރުމުގެ ފުރުސަތު ރައީސް ވަނީ ދެއްވާފައެވެ. ބައެއް ނޫސްވެރިން ތަކުރާރުކޮށް ފުރުސަތު ހޯއްދަވާ ގިނައިރުތަކެއް ވަންދެން ސުވާލު ކުރި މަންޒަރު ފެނުނެވެ.
ޒާތީ ގޮތުން ސުވާލު އަމާޒުވި ފަހަރުވެސް ފެނުނީ ހިނިތުންވުމާއެކު ރައީސް ޖަވާބު ދެއްވި މަންޒަރެވެ. ނޫސްވެރިއަކު ފޯނުން ގުޅައިގެން އެހެން ނޫސްވެރިއަކު ލައްވާ ސުވާލު ކުރިއިރުވެސް އެ ސުވާލަށްވެސް ޖަވާބު ދެއްވިއެވެ. މިއީ ވެސް މުޅިން އަލަށް ނޫސްވެރިންގެ ބައްދަލުވުމަކުން ފެނުނު މަންޒަރެކެވެ.
ރައީސްގެ ހިތްވަރަށް ސާބަހެވެ. އެކަމަކު ނޫސްވެރިންގެ އެދުމަކީ ގިނަގިނައިން ނޫސްވެރިންނާއި ބައްދަލުކުރައްވާ ސުވާލުތަކަށް ޖަވާބު ދެއްވުމެވެ.