ދިރިއުޅުމަށްޓަކައި އާމްދަނީ ހޯދުމަށް މަސައްކަތްކުރުމަކީ ދަށުދަރަޖައިގެ ކަމެއް ނޫން- ހުކުރު ޚުޠުބާ

އިސްލާމްދީނަކީ ދުނިޔެއާއި އާޚިރަތުގެ ދީނެވެ. މަސައްކަތްކުރުމަށާއި، އުފެއްދުންތެރިކަމަށް ގޮވާލާ ދީނެވެ. އިންސާނުން ދިރިއުޅުމަށްޓަކައި ދުނިޔެ އިމާރާތްކޮށް އާރާސްތުކުރުމަކީ އިންސާނާގެ މަސްއޫލިއްޔަތެކެވެ. އިންސާނުންނަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުމަކީ ކޮންމެވެސް އެއްބަޔަކު ކުރަންޖެހޭ ކަމެކެވެ. މަސައްކަތްކުރުމަށް ގޮވާލާ މާތްﷲ ވަހީކުރައްވާފައިވާ އާޔަތެއްގެ މާނައިގައިވެއެވެ. " ފަހެ ނަމާދުކޮށް އަވަދިވެއްޖެ ހިނދު، ފަހެ ތިޔަބައިމީހުން ބިމުގައި ފެތުރިގަންނާށެވެ. (އެބަހީ ހަޔާތުގެ މައިދާނަށް ނުކުންނާށެވެ) އަދި ތިޔަބައިމީހުން ﷲ ގެ ފަޟްލު ވަންތަކަމުން (ދެއްވުމަށް) އެދޭށެވެ. އަދި ތިޔަބައިމީހުން ގިނަގިނައިން ﷲ ހަނދުމަކުރާށެވެ. […]