މިދުވަސްވަރަކީ ވަރަށް ހޫނުގަދަ ދުވަސްވަރަކަށްވުމުން ދިމާވެދާނެ ސިއްހީ މައްސަލަތަކަށް ޚާއްސަ ސަމާލުކަމެއް ދޭންޖެހެއެވެ. ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވެސް މިއަދު ވަނީ ހޫނުމިން މަތިވަމުންދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.

ހޫނުގަދަވުމުގެ ސަބަބުން ހަށިގަނޑުން މާގިނައިން ފެން ބޭރުވެ، ބޮލުގައިރިއްސާ، ބޯއަނބުރައި ވަރުބަލިވެ ލޮލަށް އުނދަގޫވުމުގެ އިތުރަށް ހީޓް ސްޓްރޯކެއް ޖެހުންފަދަ ސިއްހީ މައްސަލަތަކެއް ދިމާވެދާނެ ކަމަށް ސަމާލުވުމަށް ވަނީ އެދިފައެވެ.
" ހީޓް ސްޓްރޯކް، ހޭނެތުން ފަދަ ކަމެއް ދިމާވެއްޖެނަމަ ވީހާވެސް އަވަހަކަށް ސިއްހީ ކުއްލި ފަރުވާ ހޯދުން މުހިންމު. އަދި ހިތުގެ ބަލިތަކާއި، ފުއްޕާމޭއާއި ކިޑްނީ ބައްޔަށް ފަރުވާ ހޯދާ މީހުން ޚާއްސަ ސަމާލުކަމެއް ދޭންޖެހޭ".
ހޫނުން ރައްކާތެރިވުމަށް އެންމެ ހޫނުގަދަ ގަޑީގައި އަވީގައި ނުޖެހި ހިޔާކޮށްފައި ހުންނަ ތަންތަނުގައި އުޅެވޭތޯ ބަލަންޖެހެއެވެ. އަދި ހޫނުގައި އުޅެންޖެހޭ ހާލަތްތަކުގައިވެސް ގިނަގިނައިން ފެންބޮއެ ހަށިގަނޑުން ފެން މަދުވިޔަ ނުދިނުމަށް ސަމާލުކަން ދޭންޖެހެއެވެ.
2026 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށް މުޅި ރާއްޖޭގެ ހޫނުމިން އާންމުކޮށް ހުންނަ މިންވަރަށްވުރެ މަތިވާނެކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (މެޓް) އިން ވަނީ ލަފާކޮށްފައެވެ.

މިގޮތުން ޕެސިފިކް ކަނޑުގައި 'އެލްނީނޯ' ގެ ބާރު ގަދަވަމުންދާތީ މެޓް އޮފީހުން ވަނީ މިދިޔަ އޮގަސްޓްމަހު ފަހުކޮޅު އެ މައުލޫމާތު އާންމުކޮށްފައެވެ. އިރުމަތީ އިކުއެޓޯރިއަލް ޕެސިފިކް ސަރަހައްދުގެ ކަނޑުގެ މަތީ ފަށަލައިގެ ހޫނުމިން ވަނީ އާންމު މިންވަރަށްވުރެ 20 ޑިގްރީ ސެލްސިއަސް އަށް މައްޗަށް ގޮސްފައިކަމަށާއި ނީނޯ 3.4ގެ އިންޑެކްސް އަށް ބަލާއިރު އޮގަސްޓްމަހު މެދުތެރޭގައި މި މިންގަނޑު ވަނީ 1.8 ޑިގްރީ ސެލްސިއަސް އަށް އުފުލިފައިކަމަށް ވަނީ ފާހަގަކޮށްފައެވެ.
" އެލްނީނޯގެ ސަބަބުން ދިވެހިރާއްޖެއަށް ކުރާ މައިގަނޑު އަސަރުތަކުގެ ތެރޭގައި ކަނޑުގެ ލޮނުގަނޑު އާދަޔާޚިލާފަށް ހޫނުވުމުގެ ސަބަބުން ފަރުތަކުގެ ދިރުމަށް ކުރިމަތިވާ ނުރައްކާތައް ހިމެނޭ. މީގެ އިތުރުން ވާރޭވެހޭ މިންވަރަށް އަންނަ ބަދަލުތަކުގެ ސަބަބުން ދަނޑުވެރިކަމަށް ކުރާ ނޭދެވޭ އަސަރުތަކާއި ކަނޑުގެ އޮއިވަރާއި ހާލަތަށް އަންނަ ބަދަލުތަކުގެ ސަބަބުން މަސްވެރިކަމުގެ ސިނާއަތަށް ކުރިމަތިވާ ގޮންޖެހުންތައް ހިމެނޭ". މެޓް އޮފީހުން ހާމަކޮށްފައިވެއެވެ.









