ބަލާބެލުމަށް އެއީ ހަމަ ބަގީޗާއިން އަލަށް ކަނޑާފައިވާ، ތާޒާ ލެޓިއުސް ފަތެއްގެ ބޮނޑިއެކެވެ. އޭގެ ފަތްތަކުގައިވާ ފެހި ކުލައިގެ ފަނޑު އަދި ގަދަ ޓޯންތަކާއި، ފަތްތަކުގެ ކައިރިފަށްތަކުގައި ހުރި ހަޤީޤީ ސިފަތަކުން އެއީ ފުރަތަމަ ނަަަޒަރުން އަސްލު ތަރުކާރީއެއް ނޫންކަމާއިމެދު ޝައްކު ކުރާނެ މީހަކު ނުހުންނާނެއެވެ.
ނަމަވެސް، ވަޅިއަކުން އޭގެ މެދުން ފެޅުމާއެކު ފެނިގެންދަނީ މުޅިން ތަފާތު މަންޒަރެކެވެ. އެއީ ފަށަލަ ފަށަލައަށް އެކުލެވިގެންވާ މީރު ޗޮކްލެޓް ކޭކަކާއި ބަޓަރކްރީމެވެ.

އިންޓަރނެޓްގެ ދުނިޔޭގައި މިފަދަ "ހައިޕަރ-ރިއަލިސްޓިކް" ނުވަތަ ހަޤީޤީ ސިފަ ގެނެސްދޭ ކާބޯތަކެތީގެ އާޓްތައް ގިނަ ނަމަވެސް، މި ފަންނުވެރިކަމުގެ ފަހަތުގައި ހުރީ ކާކުކަން އެނގުމުން މުޅި ދުނިޔެ ހައިރާންވެ އަންތަރީސްވިއެވެ. އެއީ ކެނެޑާގެ ޓޮރޮންޓޯއަށް ނިސްބަތްވާ، އުމުރުން އެންމެ 7 އަހަރުގެ އެލިސް ޓޭންގްއެވެ. "ދަ ކޭކިންގ ގާރލް" ގެ ނަމުން މުޅި ދުނިޔެ ދަންނަ މި ކުޑަކުޑަ އާޓިސްޓު، ކޭކް ޒީނަތްތެރިކުރުމުގެ އާލާތްތައް ބޭނުންކުރަނީ ތަޖުރިބާކާރު ޝެފެއް ފަދަ ޔަޤީންކަމާއި ހުނަރުވެރިކަމާއެކުގައެވެ.
ކޮވިޑްގެ ކަޅު ވިލާތަކުގެ ތެރެއިން ފެނުނު އުންމީދުގެ އަލިކަން
"ދަ ކޭކިންގ ގާރލް" ގެ މި ވާހަކައަކީ ހަޔާތަށް އައި ބޮޑު ބަދަލަކުން އުފަންވި ވާހަކައެކެވެ. އެލިސްގެ މަންމަ، ޖޮއީ ލޯ (Joy Lo)، ކޯޕަރޭޓް ފްލައިޓް އެޓެންޑެންޑެންޓެއްގެ ގޮތުގައި މަސައްކަތްކުރަމުން އައިއިރު، 10 އަހަރު ދުވަހުގެ ކޭކް ޑެކަރޭޓިން ތަޖުރިބާ އޭނާގެ ކިބައިގައި ހުއްޓެވެ.
ނަމަވެސް، 2020 ވަނަ އަހަރުގެ މާރިޗު މަހު ފެތުރުނު ކޮވިޑް-19 ގެ ބަލިމަޑުކަމާއެކު، ޖޮއީއަށް އޭނާގެ ވަޒީފާ ގެއްލިގެންދިޔައެވެ. އެކަމުގެ ސަބަބުން ލިބުނު މާޔޫސްކަމާއި، ލޮކްޑައުންގައި ގޭތެރޭގައި ބަންދުވެފައި ހުންނަން ޖެހުމުން ޖޮއީ އޭނާގެ ހިތްހަމަޖެހުން ހޯދީ ކޭކުއެޅުމުގައެވެ. ކޭކުއަޅައި ޑެކަރޭޓްކުރަން ފެށުން ވެގެން ދިޔައީ ޢުމުރުން އޭރު 3 އަހަރުގެ އެލިސްއަށްވެސް ކޭކު ޑެކަރޭޓިންގ ދުނިޔެއަށް ވަނުމަށް ހުޅުވުނު ދޮރަކަށެވެ.

އެލިސް ކަންކަން ދަސްކުރީ މަންމަގެ ހަރަކާތްތައް ކޮޕީކުރަމުންނެވެ. 3 އަހަރުގެ ތުއްތު ތުއްތު އެލިސްއަށް މިކަން ވެގެންދިޔައީ މަޖާ ކުޅިވަރަކަށެވެ. އޭނާގެ ކިބައިގައި އާންމުކޮށް އޭނާގެ ޢުމުރު ކުދިންނާއި ތަފާތު ހުނަރެއް ހުރިކަމުގެ އެއްވެސް ވިސްނުމެއް ފިކުރެއް ނެތިއެވެ. މަންމަގެ މަސައްކަތުގައި ބައިވެރިވަނީ، މަންމަ އާއި އެކު މަޖާ ވަގުތުކޮޅެއް ހޭދަކޮށްލުމަށާއި ކުޅެލުމަށެވެ. ހާއްސަކޮށް، ބަޓަކްރީމްގެ ރަހަ ބެލުމަކީ އޭނާއަށް އެންމެ މަޖާ ކަމެވެ. މަންމަ ޖޮއީ، ތަފާތު އެކި ރަހަތަކާއިއެކު މަސައްކަތް ކުރި ކަމުގައިވީނަމަވެސް، އެލިސް އަށް އެންމެ ކަމުދާ ރަހަތަކަކީ ޗޮކޮލެޓް، ވެނީލާ އަދި ސްޓޯބެރީ ކަމުގައި އޭނާ ބުނެފައިވެއެވެ.

އެލިސްގެ ހުނަރު އިތުރަށް ކުރިއެރި ގޮތާއި ކިޔެވުމާއި ދެމެދު ގެންގުޅުނު ބެލެންސް
އެލިސް މަންމަގެ މަސައްކަތުގައި ބައިވެރިވާން ފެށީ އޭނާގެ ޢުމުރުން އެންމެ 3 އަހަރުގައެވެ. އޭނާގެ ޢުމުރުގެ އެހެންކުދިން ކުޅެން ގެންގުޅޭ ކްލޭފަދަ ތަކެތިން އެއްޗިހި ހަދާއިރު، އެލިސް ބޭނުން ކުރަމުން ދިޔައީ ކޭކު ފޮންޑަންޓެވެ. ބާކީވެފައިވާ ފޮންޑަންޓު ކޮޅަކާއި ކޭކު ޑެކަރޭޓްކުރާ ކޮންމެވެސް އާލާތެއް ތުއްތު އެލިސް އަށް ދިނުމުން އެތަކެއް އިރެއްވަންދެން އެކަމުގައި ފޫހިކަމެއް ނެތި ހޭދަކުރި ކަމަށް އެލިސްގެ މަންމަ ބުނެފައިވެއެވެ. އަދި އޭނާގެ ކިބައިގައި ހުރި ތަކެތީގެ ބައްޓަންތައް ދެނެގަތުމުގެ ހުނަރާއި (spatial awareness)، އަތްތިލަ ހަރަކާތްތެރިކުރުމުގެ މޮޅު ކުޅަދާނަކަން މަންމައަށް ފާހަގަކުރެވުނެވެ. އަދި އެލިސް ބަދިގެއިން ދުރުކުރުމުގެ ބަދަލުގައި، އޭނާގެ މި ހުނަރުތަކަށް ހިތްވަރުދީ ބައިވެރިކުރިއެވެ.
އެލިސްގެ މަންމަ ޖޮއީ މަޑުމަޑުން އާދައިގެ ފޮންޑަންޓް އާރޓް ދަސްކޮށްދީ ކުދި ކުދި ކޭކުތަކުގައި ކުރަމްބް ކޯޓު ކުރަން ދަސްކޮށްދޭން ފެށީ މިޢުމުރުގައެވެ. އެއީ އެއްވެސް ޙާލެއްގައި ގަދަކަމަކުންނެއް ނޫނެވެ. އެލިސް އެކަމަށް ހުރި ޝައުގުވެރިކަން ފެނި ހުނަރު ފާހަގަވެފައިވާތީއެވެ.
"އެލިސް ގަޑިއިރުތަކެއް އެކަމުގައި ހޭދަކުރޭ. އަދި އޭނާ އެކަމާ ވަރަށް ގަޔާވޭ. އޭނާގެ އަތުގެ ހުނަރު (Fine motor skills) ރަނގަޅުކަމާއި، ވަރަށް އާޓިސްޓިކްކަން ފާހަގަވެގެން އަހަރެން ކޭކް ޑެކަރޭޓްކުރުމުގެ ބޭސިކްސް ދަސްކޮށްދޭން ފެށީ." ޖޮއީ ކިޔައިދިނެވެ.
އެހެނަސް، މި ހުނަރުގެ ސަބަބުން އެލިސްގެ ކުޑައިރުގެ ޙަޔާތް ގެއްލުނަ ނުދިނުމަށްޓަކައި، ހުރިހާ ހުސްވަގުތެއްގައި ކޭކުހެދުމުގެ ބަދަލުގައި، ރަޙުމަތްތެރިންނާއި އެކު ވަޤުތު ހޭދަކުރުމާއި، ސްކޫލުގެ ކިޔެވުމާއި އެހެނިހެން ޢިލްމުތަށް ރައްކާތެރިކުރުމަށްޓަކައި، ޖޮއީ ހަރުދަނާ އުސޫލުތަކެއް ގެންގުޅެން ފެށިއެވެ. އެގޮތުން، ކޭކްގެ މަސައްކަތްތަކައް ހަފްތާއަކު އެއްދުވަހަށް ލިމިޓްކޮށް، ކިޔެވުމާއި ކުރެހުމާއި އަދި ކުޅިވަރަށްވެސް ވަގުތު ހުސްކުރަމުންގެންދިޔައެވެ.

ބައިނަލްއަޤްވާމީ ޝަރަފާއި ބޮޑެތި ކާމިޔާބީތައް
އެލިސްގެ މި ފަންނުވެރިކަން ވަނީ ދުނިޔޭގެ އެންމެ ޝަރަފުވެރި ކޭކް މުބާރާތްތަކާ ހަމައަށް ފޯރާފައެވެ. އެގޮތުން ދުނިޔޭގެ އެންމެ ބޮޑު އެއް ކޭކް މުބާރާތް ކަމަށްވާ "ކޭކް އިންޓަރނޭޝަނަލް" (Cake International) ގައި އޭނާ ހޯދާފައިވާ ކާމިޔާބީތަކަކީ މުޅި ދުނިޔެ ހައިރާންކޮށްލި ކަންކަމެވެ.
2024 ވަނަ އަހަރު، އުމުރުން އެންމެ 6 އަހަރުގައި މި މުބާރާތުގައި ވާދަކޮށް، އޭނާ ވަނީ ޖޫނިއަރ ކެޓަގަރީން ބްރޯންޒް މެޑަލް ހޯދާފައެވެ. އަދި އޭގެ އެއް އަހަރު ފަހުން، 2025 ގައި އޭނާގެ ހުނަރު އިތުރަށް ތަރައްޤީކޮށް، ހައިޕަރ-ރިއަލިސްޓިކް ފަންނު ދައްކުވައިދީ ހޯދި ފުރިހަމަ ކާމިޔާބީއަކީ އެ މުބާރާތުން އޭނާއަށް ގޯލްޑް މެޑަލް ޙާޞިލްކުރެވުމެވެ.
އުފެއްދުންތަކާއި ވައިރަލް ކާމިޔާބީ
މިއަދު 7 އަހަރުގެ އެލިސް އަންނަނީ ޓަރނިންގ ރެޑް (Turning Red) ފަދަ މަޝްހޫރު ކެރެކްޓަރުތައް ފުރިހަމައަށް ކޭކްތަކުން ސިފަކޮށްދެމުންނެވެ. 500،000 އަށްވުރެ ގިނަ ފޮލޯވަރުންނާއި، އެތައް ކާމިޔާބީތަކަކާއެކުވެސް، އެލިސްގެ ޢާއިލާއިން މި މަސައްކަތް ވިޔަފާރިއަކަށް ނުހަދައެވެ. ސަބަބަކީ، މިމަސައްކަތަކީ އޭނާ ލޯބިވާ ގަޔާވާ ހޮބީއެއްގެގޮތުގައި ކުރާ ކަމަކަށްވާތީއެވެ. އޭނާގެ މަންމައާއި އެކު ތައްޔާރުކޮށްފައިވާ އެތަކެއް ވީޑިއޯތަކުން މިކަން ސާބިތުކޮށްދެއެވެ. އޭނާގެ އެންމެ މަގުބޫލު ވީޑިއޯތަކުގައި، 4 އަހަރުގައި މަންމަގެ އެހީގައި ހެދި ކޭކުތައް އަލުން އަމިއްލައަށް ހަދައި ކޮމްޕެއާރކޮށް އޭނާގެ ހުނަރު ކުރިއަރާފައިވާ މިންވަރު ދައްކުވައިދީފައިވެއެވެ.
ކާމިޔާބީގެ ސިއްރު: ހިތްވަރާއެކު ކުރިއަށް ދިއުން
އެލިސްގެ މަސައްކަތްތައް ބަލާބެލުމަށް ކިތަންމެ ފުރިހަމަ ކަމުގައިވީނަމަވެސް އެ ފުރިހަމަކަމުގެ ފަހަތުގައިވަނީ ބުރަ މަސައްކަތެވެ. އޭނާގެ ފިނިފެންމަލުގެ ކޭކަށް ބޭނުންވާ 100 އަށްވުރެ ގިނަ ފަތްތައް އަމިއްލަ އަތުން ވަކިވަކިން ތައްޔާރުކުރުމަކީ ކުޑަކުޑަކުއްޖަކަށް ކުޑަކަމެއް ނޫނެވެ. މިފަދަ މަސައްކަތްތަކުގައި އޭނާ ދައްކުވައިދެނީ ކެތްތެރިކަމާއި ހިތްވަރުގަދަކަމުގެ ލާމަސީލު މިސާލެކެވެ. މިކަމާ ގުޅޭގޮތުން 7 އަހަރުގެ އެލިސް ބުނެފައިވަނީ؛ "ނާކާމިޔާބުވުމަކީ މައްސަލައެއް ނޫން. ނަމަވެސް އަބަދުވެސް އާކަމެއްކޮށްލަން މަސައްކަތްކުރަންވާނެ." މިފަދައިންނެވެ.

ނިންމުން: މުސްތަޤުބަލުގެ ދަރިންނަށް ލޯތްބާއި އިތުބާރާއިއެކު ހިތްވަރުދިނުން
އެލިސްގެ މަންމަ ޖޮއީގެ ބެލެނިވެރިކަމުގެ ފަލްސަފާއަކީ ކުދިންގެ ޝައުޤުވެރިކަމަށް އިޙްތިރާމްކުރުމާއި، އެކުދިންގެ ޅަޢުމުރުގައި ހެދޭ ކުށްތަކަކީ ތަޢުލީމުގެ ބައެއް ކަމުގައި ބަލައިގަތުމެވެ. އަދި ހިތްވަރާއި އެކު މަސައްކަތް ކުރުމުން ނަތީޖާ ފޮނިވާނެކަމެވެ. މުސްތަޤުބަލުގައި އެލިސްގެ އުންމީދަކީ ކުޅަދާނަ ޕޭސްޓްރީ ޝެފަކަށްވެ، އެހެން މީހުންނަށްވެސް އޭނާގެ މިހުނަރު ދަސްކޮށްދިނުމެވެ.
އެލިސް ޓޭންގްގެ މި ވާހަކައަކީ މައިންބަފައިންނަށާއި، މުދައްރިސުންނަށް އަދި ކޮންމެ ފަރުދަކަށްވެސް ވަރަށް ފުރިހަމަ މެސެޖެކެވެ. ކުދިން ޝައުޤުވެރިވާ ކަންކަމަށް ފަރުވާތެރިކަމާއެކު ބަލައި، އެ ކުދިންނަށް އިތުބާރާއި ކެތްތެރިކަން ދީފިނަމަ، ކޮންމެ ކުއްޖެއްގެ ކިބައިގައިވެސް ފޮރުވިފައިވާ މުއްސަނދި ހުނަރެއް ބޭރުވެގެންދާނެ ކަމެއްކަމާއިމެދު އަޅުގަނޑުގެ އެއްވެސް ޝައްކެއް ނެތެވެ.
މަސްދަރުތައް: ގުޑް މޯރނިންގ އެމެރިކާ ފީޗަރ، ޓެމްރަން ހޯލް ޝޯވ، ކޭކް އިންޓަރނޭޝަނަލް އެޗީވްމެންޓްސް އެންޑް މީޑިއާ ކަވަރޭޖް









