ތައުލީމީ ވުޒާރާއިން އިސްނަންގަވައިގެން ފުރަތަމަ ފަހަރަށް ޤައުމީ ފެންވަރުގައި ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް ކުރިއަށް ގެންދެވި ހަރަކާތްތަކުގެ ތެރެއިން، ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށްގެންދިޔަ ކުޑަކުދިންގެ ހަވީރަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދު ވަނީ ޒިޔާރަތްކުރައްވައިފައެވެ. ކުޑަކުދިންގެ ހަވީރަށް ޒިޔާރަތްކުރައްވައި، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެތަނުގައި ހުރި ސްޓޯލްތައް ބައްލަވައިލައްވައިފައެވެ. އަދި މި ހަވީރުގައި ދަރިވަރުންގެ ފަރާތުން ހުށަހަޅައިދިން ސްޓޭޖް ހަރަކާތްތައްވެސް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައްލަވައިލެއްވިއެވެ. މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ ހަވީރުގައި ބައިވެރިވި ބައެއް ކުދިންނާއި، އެ ކުދިންގެ ޢާއިލާތަކާ، ބައްދަލުކުރައްވައިފައެވެ.