March 28, 2024 22:39
Advertisement

-Advertisement-

ލިބުނު 3 ކުދިންގެތެރެއިން 2 ކުދިންނަށް އަޑުނީވޭ، އެދެނީ ފަރުވާއަށް ދީލަތި އެހީއަށް!

ތ. ދިޔަމިގިލި އާއިޝަތު އިއާޝާ ބިންތި ހަމީދު އަކީ އުމުރުން 8 އަހަރުގެ ކުއްޖެކެވެ. އިވުމުން މަހްރޫމްވެފައިވާ އިއާޝާގެ އެއްބަނޑުއެއްބަފާ ބޭބެ އަކީ ވެސް މިފަދަ ހާލަތެއް މެދުވެރިވެފައިވާ 14 އަހަރުގެ ކުއްޖެކެވެ. މި ދެކުދިންގެ މަންމަ، ވ. ތިނަދޫ އަށް އުފަން ޝިފާޒާ އިބްރާހީމް 'ޒީޓައިމްސް' އަށް މައުލޫމާތު ދިންގޮތުގައި އޭނާގެ 3 ކުދިންގެ ތެރެއިން ދޮށީ ދެކުދިންނަކީ އުފަންވީއިރު އަޑުއިވުމުގެ ހިއްސުން މަހްރޫމްވެފައިވާ ދެކުދިންނެވެ.

ޝިފާޒާގެ ދޮށީދަރިފުޅު

" ދޮށީ ދަރިފުޅުވެސް ވަނީ އޮޕަރޭޝަން ކޮށްފަ ކޮކްލިއަރ ލައްވާފަ. އެ ދަރިފުޅުގެ އުމުރުން 7 އަހަރުގައި އިންޑިއާ އަށް ގޮސް ކުރި މި އޮޕަރޭޝަންގެ ސަބަބުން ޖެހިޖެހިގެން ދެބަސް ނުވަތަ ތިންބަސް އެކުލެވޭ ޖުމްލަތައް ބޭނުންކޮށްގެން ވާހަކަދައްކާ. ކުއްލިއަކަށް އިވެން ފެށީމަ ގިނަދުވަސް ހޭދަވޭ ރަނގަޅަށް ވާހަކަދައްކަން". ޝިފާޒާ ކިޔައިދިނެވެ.

ޝިފާޒާގެ ދެވަނަ ދަރިފުޅު އިއާޝާގެ އޮޕަރޭޝަން ކުރުމަށްވެސް މި އާއިލާއިން ވަނީ 2019 ވަނަ އަހަރު އިންޑިއާ އަށް ގޮސްފައެވެ. އެހެންނަމަވެސް އެފަހަރު ކުރަންޖެހުނީ އެހެން އޮޕަރޭޝަނެކެވެ.

Advertisement

" އިއާޝާގެ އުމުރުން 4 އަހަރުގައި އާސަންދައިގެ ދަށުން ދިޔައިން ކިމްސް ހޮސްޕިޓަލަށް. އެއިރު އުމުރުން 4 އަހަރު. ކޮކްލިއަރ އޮޕަރޭޝަން ކުރަން ވެއްދިފަހުން އެނގުނީ ދަރިފުޅުގެ ނޭފަތުގެ އެތެރޭގައި ހުންނަން ނުޖެހޭ ބައެއް ހުރިކަން. އެބައި ނުނަގާ ކޮކްލިއަރ އޮޕަރޭޝަން ކޮށްފިއްޔާ އިންފެކްޝަންގެ އަސަރު ކޮށްފާނެ ކަމަށް ޑޮކްޓަރު ބުނީ. އެފަހަރު ނޭފަތުގައި ހުރި އެތި ނަގާފަ 3 މަސް ފަހުން އަންނަން ބުނީ".

އެހެންނަމަވެސް ދިމާވީ ވަރަށް ހިތްދަތި ގޮތެކެވެ. މި އާއިލާއިން އިއާޝާގެ އޮޕަރޭޝަން ކުރުމަށް އިންޑިއާ އަށް ދާން ޓިކެޓްވެސް ނެގިއެވެ. ކޮވިޑްގެ ސަބަބުން 2020 ވަނަ އަހަރު އިންޑިއާ އަށް ދެވޭގޮތް ނުވީއެވެ. އެއަށްފަހު ދިރިއުޅުމަށް އައި ބަދަލުތަކާއި ގުޅިގެން 3 ކުދިންނާއެކު ދިރިއުޅުން ރަށަށް ބަދަލުކުރި ޝިފާޒާ އެނބުރި މާލެ އަށް ދިރިއުޅުން ބަދަލުކުރީ 3 އަހަރު ފަހުން މިއަހަރު އެވެ.

" ގިނަ އަހަރުތަކެއްގެ ފަހުން ވ.ތިނަދޫގައި ސްކޫލެއް ހުޅުވީ މިދިޔައަހަރު. އެކަމަކު ކިޔަވައިދެނީ އޮންލައިންކޮށް. އެހެންވެ އެކުދިންނަށް ރަނގަޅަށް ނުކިޔެވޭތީ އަނެއްކާވެސް މާލެ މިބަދަލުވީ. އަދި ފުރަތަމަ ދަރިފުޅުގެވެސް އޮޕަރޭޝަނަށްފަހު ކޮންމެ 6 މަހަކުން ލައްވާފަހުރި އެތި ޕްރޮގްރާމް ކުރަން ދާންޖެހޭ. މާލެއިން އެކަން ކުރެވެން ނެތް. މައްސަލައެއް ޖެހިއްޖިއްޔާވެސް ދާންޖެހެނީ އިންޑިއާ އަށް".

ބޮޑު ޚަރަދެއް ކުރަންޖެހުނަސް ޝިފާޒާ ބޭނުންވަނީ އޭނަގެ ދަރިންނަށް އަޑުއިވި އާދައިގެ ދިރިއުޅުމެއް ހޯދައިދިނުމަށެވެ. އިއާޝާގެ އޮޕަރޭޝަނަށް އާސަންދަ ހޯދުމުގެ މަސައްކަތް ކުރަމުން އަންނައިރު އެންމެ ބޮޑު ކަންބޮޑުވުމަކީ އޮޕަރޭޝަނަށްފަހު ސްޕީޗްތެރަޕީ ދިނުމަށް އިންޑިއާގައި މަޑުކުރަންޖެހޭތީ ބޮޑު ޚަރަދެއް ހިގުމެވެ.

އިއާޝާގެ އޮޕަރޭޝަނާއި ގުޅޭގޮތުން ޑޮކްޓަރު ދީފައިވާ ލިޔުން

" 3 މަސް ހޭދަވޭ ފަރުވާއަށް. އޮޕަރޭޝަން ކޮށްފަ ސްޕީޗްތެރަޕީ ދޭން އެމުއްދަތު ހޭދަވަނީ. މާލެއިން ސްޕީޗްތެރަޕީ ހަމަޖެހިއްޖިއްޔާ އަވަހަށް އާދެވޭނެ. ފުރަތަމަ ދަރިފުޅުވެސް 3 މަސްވަންދެން މަޑުނުކުރެވިގެން އައީ. މިފަހަރު ބަލަނީ ދޮޅުމަހެއްހާ ދުވަހުވެސް ހުރެވޭތޯ. 3 ކުދިން ގޮވައިގެން ގޮސް އެހާގިނަ ދުވަހު ހުރުން އެއީ ވަރަށްބޮޑު ޚަރަދެއް. ކުއްޖާވެސް ބޮޑުވެފަހުރީމަ ވަރަށް މުހިންމު އެ ތެރަޕީ ހޯދަން. އެއިރުން އަވަހަށް ވާހަކަ ދައްކަން ދަސްވާނެ ކަމަށް ބުނަނީ".

ޝިފާޒާ އެދެނީ އިއާޝާގެ ފަރުވާ ފުރިހަމަކުރުމަށް އިންޑިއާ އަށް ދިއުމަށް އާންމުންގެ ދީލަތި އެހީއަށެވެ. މި އާއިލާއިން އިންޑިއާ އަށް ދިއުމަށް ހަމަޖެހިފައިވަނީ އަންނަ ޖޫން މަހުގެ ސްކޫލް ޗުއްޓީގަ އެވެ.

 

ނޯޓް: މި ޢާއިލާ އަށް އާންމުންގެ ފަރާތުން އެހީތެރިކަން ލިބިފައިވާތީ، މިރިޕޯޓުގައި ކުރިން ހިމަނަައިފައިވާ ފޯން ނަންބަރާއި އެކައުންޓް ނަންބަރު ވާނީ އުނިކޮށްފައެވެ. ޒީޓައިމްސްގައި މިރިޕޯޓު ޕަބްލިޝް ކުރުމުން މި އާއިލާއަށް އެހީތެރިކަން ފޯރުކޮށްދިން މީހުންނަށް ވަރަށްބޮޑަށް ޝުކުރިއްޔާ!

ނޯޓް: ތިރީގައި މިވަނީ އިއާޝާ ކުރަން އުޅޭ އޮޕަރޭޝަނާއި ގުޅޭ އިތުރު މައުލޫމާތު ލިބޭ ވީޑިއޯ އެކެވެ. ކިޔުންތެރިންގެ މައުލޫމާތަށްޓަކައި ވީޑިއޯ ހިއްސާކުރީމެވެ.

+1
0
+1
2
+1
6
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް